ކޮންމެ އިންސާނެއްގެ ހަޔާތުގަ ވެސް މުޖްތަމައަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރެވޭނެ ދުވަސް ވަރެއް އަންނާނެއެވެ. ޒުވާން ދުވަސްވަރު ޒުވާން ކަމުގެ ޖޯޝްގަ މުޅި ދުނިޔެ ބަދަލް ކުރަން ވިސްނުން އާދެއެވެ. ހަރު އުމުރު ގަ އަނބިދަރިންނަށް މުސްތަގްބަލެއް ހޯދަން މަސައްކަތް ކުރެވެއެވެ. އަދި އުމުރުން ދުވަސްވެ ބުރަ މަސައްކަތް ނުކުރެވޭ އުމުރުގަ އެހެންމީހުން ގެ އަޅާލުމާ ހެޔޮ އެދުމުގެ އިތުރުން އުމުރު ދުވަހުގެ ތަޖްރިބާ އާ ވިސްނުން ޅަ މީހުންނަށް ކިޔައިދޭން ބޭނުން ވެއެވެ. މިއީ މުޅި އިންސާނިއްޔަތުގަވެސް މިކަން އޮތް ގޮތެވެ. އެކަމަކު މިއިން ކޮންމެ ދައުރެއްގަވެސް މުޖްތަމައު އިސްލާހު ކުރަން ނުވަތަ ކުރިއަރުވަން ކުރެވޭ މަސައްކަތުގަ އިންސާނުންނަށް ބައިވެރި ވެވޭނީ ބަނޑު ފުރާނަ މުއްތި ކުރެވޭނެ ގޮތަކާ މެދު ވިސްނަން ވަގުތު ހޭދަ ކުރަން ނުޖެހޭނަމައެވެ. ކިތަންމެ މޮޅު ހުނަރެއް ގުދުރަތީ ގޮތުން ލިބިފަހުއްޓަސް ނިކަމެތި ހާލުގަ އުޅެން ޖެހި މާޔޫސް ވެ ދުނިޔެ ކުޑަތަން ވެފަ ހުރި އިންސާނަކަށް މުޖްތަމައަށް ކޮށްދެވޭނެ ހެވެއް ނޯންނާނެއެވެ.
އިގްތިސޯދީ ގޮތުން ބަލާއިރު ދިވެހި ރާއްޖެއަކީ ވަރަށް ތަނަވަސް ރައްޔިތެއް އުޅެވިދާނެ ގައުމެކެވެ. ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ އެންމެ ބޮޑު މައްސަލައަކީ ގައުމު ބިނާ ކުރުމަށް ކުރެވޭ މަސައްކަތުގަ ބައިވެރިވެވޭ މީހުން ނިސްބަތުން މަދުވުމެވެ. ގައުމުގެ ބޮޑެތި ނިންމުންތައް ނިންމަނީ މަދު ބަޔަކަށް ފެންނަ ގޮތަކަށް ބުރަވެ، މާބޮޑު އިލްމީ ދިރާސާއެއް، ބަހުސެއް އަދި ރައްޔިތުންގެ ބައިވެރިވުމެއް ވެސް ނެތިއެވެ. މިހެން ވާންޖެހެނީ އެކި އެކި ސަބަބު ތަކާ ހުރެ ރައްޔިތުންގެ ބޮޑު ނިސްބަތެއް ފަގީރު ހާލަތުގަ ނުވަތަ ކުޑަ އާމްދަނީ އެއް ލިބޭ މަސައްކަތެއްގަ އުޅެން ޖެހުމުންނެވެ. މިގޮތުން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ބޮޑެތި މައްސަލަތަކަށް ބަލާލަމާތޯއެވެ.
ސަރުކާރު މުވައްޒިފުން ގިނަވެ ޕްރޮޑަކްޓިވިޓީ ދައްވުން
މިއީ އެއްވެސް ސަރުކާރަކަށް ހައްލު އަދި ހޯދިފައިނުވާ ވަރަށް ބޮޑު މައްސަލައެކެވެ. ޕަބްލިކް ސެކްޓަރ ބޮޑުވެ ދައުލަތަށް މާލީ ބުރަޔަކަށް ވުމުގެ އެއްސަބަބަކަށް ޕްރައިވެޓް ސެކްޓަރ ގެ ވަޒީފާތައް މެނޭޖް ކުރާނެ ހަރުދަނާ އުސޫލުތައް ހެދިފަ ނެތުން ހިމެނެއވެ.
ރާއްޖޭގެ ގިނަ ރަށްތަކާ ފަޅުތައް ރައްޔިތުންނަށް ސީދާ ނަފާ ނުލިބޭ ގޮތަށް ޓުވަރިޒަމް އަށް ދިގު މުއްދަތަށް ދޫކުރެވުން
ފަހުގެ ތާރީޙެއްގަ ގިނަ ފަޅުތަކާ ރަށްތައް ޓުވަރިޒަމް ސިނާއަތަށް ދިގު މުއްދަތަކަށް ދޫކޮށްލެވުނު އެއް ސަބަބަކަށް ދައުލަތް ހިންގަން ބޭނުން ވާ ފައިސާ ނެތުން ހިމެނެއެވެ. އަދި ޙާއްސަކޮށް ދައުލަތުން ހިންގަން ބޭނުންވާ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ނުލިބުން ހިމެނެއެވ.
އެކި އެކި ސަބަބު ތަކާ ހުރެ ޒުވާނުން ވަޒީފާ ތަކަށް ނުކުންނަ ނިސްބަތް މަދުވުން
ގިނަ ޒުވާން އުމުރުގެ ރައްޔިތުން ވަޒީފާ ނުލިބުމުގެ ސަބަބުން ނުވަތަ އެކަށީގެން ވާ މުސާރައެއް ނުލިބުމުގެ ސަބަބުން ނުވަތަ ވަޒީފާގެ ކުރިއެރުން ފަދަ އެކި އެކި ސަބަބު ތަކާހެދި ވަޒީފާ އަށް ނުނުކުންނަ މައްސަލަ ވަރަށް ގިނަ ފަހަރު ފާހަގަ ކުރެވެއެވެ.
މާލެ އާ މާލެ ކައިރި ތޮއްޖެހި ރާއްޖެތެރެއަށް އިހުމާލު ވެވުން.
ގިނަ ވިޔަފާރިތަކާ ޙިދުމަތްތައް އެންމެ ގިނައިން މީހުން އުޅޭ ސަހަރަށް ގެންނަން ޖެހުމުން މާލެއާ މާލެ ކައިރި ރަށްތަކަށް ވެސް ބާރު ބޮޑުވެ އިޖްތިމާއީ އެތައް މައްސަލައެއް އުފެދިފައިވާ ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ކާބޯތަކެތީ ގެ ރައްކާތެރިކަމަށް އެއްވެސް ބިޔަ މަޝްރޫއެއް ހިންގިފަ ނެތުން
އިގްތިސޯދީ ގޮތުން ބިޔަ ގައުމުތަކުގެ ދަނޑުވެރިންނާ ރޭޓުން ވާދަކުރުމަކީ ދިވެހި ދަނޑުވެރިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެކްސްޕޯޓް ކުރުމުގެ ނިޔަތުގަ ދަނޑުވެރިކަން ކުރުމަކީ ކުރެވޭނެ ވެސް ކަމެއް ނޫނެެވެ. އެކަމަކު ކޮންމެ ގައުމެއްގަވެސް އެގައުމުގެ ޖުމްލަ މިނިވަންކަމާ ގުޅިފައިވާ ބައެއް ދާއިރާ ތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ހިމެެނެވެ. މީގެ އިތުރުން ދިފާއީ ފިޔަވަޅު އަޅަން އެހެން ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުމާ އަދި އަމިއްލަ ފައިސާގެ މިނިވަންކަމާ މި ކަންތައް ތަކަކީ ރައްކާތެރި ކުރެވި ކަށަވަރު ކުރެވެން ވާނެ ކަންތައްތަކެވެ.
މި މައްސަލަތަކުގެ ހައްލު
މިފަދަ މައްސަލަތާ މި ނޫނަސް ގައުމީ ބޮޑެތި މައްސަލަތަކުގަ ގިނަ ރައްޔިތުންގެ ބައިވެރިވުމާ ފާޑު ކިޔުމާ އިސްނެގުން އޮންނަން ޖެހެއެވެ. ރައްޔިތުން މިކަންކަމުގަ އެދެވޭ ފެންވަރެއްގަ ބައިވެރި ނުވަނީ މައުސޫމު ލަދުވެތިކަމުން ނޫނީ ޑިމޮކްރެސީގެ އުސޫލުތައް ނެތިގެން ނޫނީ ވަކި އިދާރީ އޮނިގަނޑުތަކެއް ނެތިގެންނޭވެސް ބުނެވޭކަށް ނެތެވެ. އާންމު ކޮށް މިސަބަބު ސިޔާސީ ބަހުސް ތަކުގަ އަޑު ނީވުނަސް ހަގީގަތަކީ، ފަގީރުކަމާ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރާ، މިފަދަ ސަބަބުތަކާ ހެދި ރައްޔިތުން މުޖްތަމައުގެ ބޮޑެތި މައްސަލަތަކުގެ ހައްލު ހޯދަން މަދު ބަޔަކު ކުރާ މަސައްކަތަކާ ބައިވެރި ނުވެއެވެ.
މިކަން ކަމުގެ ހައްލަކީ ހުރިހާ ރައްޔިތުންށް ދައުލަތުން އިނާޔަތް ލިބި މުޖްތަމައު ބިނާ ކުރުމުގަ ބައިވެރިވުން އިތުރު ކުރުމެވެ. ބުނެވޭ ބަހަކުން، ފާޅުކުރެވޭ ޙިޔާލަކުން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުން ރައްޔިތުން މިންޖުކުރުވުމެވެ. ޒުވާނުންނަށް އެމީހުންގެ ހުވަފެންތައް ހަގީގަތަށް ހެދުމަށް އެހީތެރި ވުމެވެ. ދަރަނިވެރި ނުވެ ކުދި ވިޔަފާރިތައް އުފެއްދުމުގެ ގާބިލު ކަން ލިބުމެވެ. ސަރުކާރު ގެ ސައިޒް ކުޑަ ކުރެވި، ޕްރައިވެޓް ސެކްޓާ ހިނގައިގަންނަން ފެށުމެވެ. ވަޒީފާތަކުގަ އޮޓޮމޭޓްވާން ހުރި ވަރަކަށް އޮޓޮމޭޓް ކޮށް ބިނާކުރަނިވި ކަންތައްތަަކަށް އިންސާނުންގެ ވަގުތު ހުސް ކޮށް ދެވިގެންނެވެ.