އިނާޔަތް އެންމެންނަށް” ދޭން ފައިސާ ހޯދާނީ ކިހިނެތް؟”

ދައަުލަތުން ގައުމެއްގެ ހުރިހާ ރައްޔިތުންނަށް “އިނާޔަތް އެންމެންނަށް” ދޭން ފަށާއިރު އުފެދޭނެ އެންމެ ބޮޑު ސުވާލަކީ އެ އިނާޔަތަށް ބޭނުންވާ ފައިސާ ދައުލަތުން ހޯދާނީ ކިހިނެއްތޯ މިސުވާލެވެ.ގައުމުގެ ހުރިހާ ރައްޔިތުންނަށް އިނާޔަތް ލިބެން ފެށުމުން ދައުލަތަށް ތަބީއީ ގޮތުން ލިބޭ ފައިދާތަކެއް ހުރެއެވެ. އޭގެ ތެރޭގެ ކުށް ކުރުން މަދުވުން، ސިއްހީ ގޮތުން ރައްޔިތުން ދުޅަހެޔޮވުން،  ރައްޔިތުން ގެ ވިސްނުން ތޫނުވުން، ރައްޔިތުންގެ ދަރަނި މަދުވެ، ފަހަށް ރައްކާ ކުރެވޭ ފައިސާ އިތުރުވެ މިފަދަ ވަރަށް ގިނަ ފައިދާ ތައް ވާކަމަށް ވަރަށް ގިނަ އިލްމީ ދިރާސާ ތަކުން ދައްކައެވެ. ނަމަވެސް މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށް މިފަދަ އިނާޔަތެއް އެއްފަހަރާ ދިނުމަކީ ވަރަށް ބޮޑު މާލީ ގޮންޖެހުމަކަށް ވާނެ ކަމެކެވެ. މި ފަދަ މަޝްރޫއެއް ހިންގޭނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ދައުލަތުން ތަރައްގީ ކުރަން ބޭނުންވާ ސަރަހައްދުތަކަކަށް ވަކި ވަކިންނެވެ. އެގޮތުން ކޮންމެ އަހަރަކު ވަކި ސަރަހައްދެއްގަ އުޅޭ ވަކި އަދަދެއްގެ ބަޔަކަށް މި އިނާޔަތް ލިބޭ ގޮތް ހެދުމުން މިކަން ހާސިލް ކުރަން ދައުލަތަށް ބޭނުންވާ ފައިސާ ވަރަށް ބޮޑަށް މަދު ކުރެވޭނެއެވެ.

މިގޮތުން މިސާލަކަށް މިދަންނަވާ ގޮތްގޮތަށް ރާއްޖޭގެ ރައްޔިތުން “އިނާޔަތް އެންމެންނަށް” ދޭ އުސޫލުގެ ދަށުން ބަހާލެވިދާނެއެވެ.

ފުރަތަމަ އަހަރު: (ހުވަދު އަތޮޅުން ފެށހިގެން އައްޑު އަތޮޅާ ހަމައަށް) 53 ހާސް މީހުން (އަންދާސާ)1.1 ބިލިއަން ރުފިޔާ

ދެވަނަ އަހަރު: (ހާ އަލިފު އަތޮޅުން ފެށހިގެން ނޫނު އަތޮޅާ ހަމައަށް)63   ހާސް މީހުން (އަންދާސާ)1.4 ބިލިއަން ރުފިޔާ

ތިން ވަނަ އަހަރު: (ވާވު އަތޮޅުން ފެށހިގެން ލާމު އަތޮޅާ ހަމައަށް) 43 ހާސް މީހުން (އަންދާސާ)0.9 ބިލިއަން ރުފިޔާ

ހަތަރު ވަނަ އަހަރު: (ރާ އަތޮޅުން ފެށހިގެން އދއަތޮޅާ ހަމައަށް) 80 ހާސް މީހުން (އަންދާސާ)1.7 ބިލިއަން ރުފިޔާ

ފަސް ވަނައަހަރު: (މާލެ އަތޮޅު )148 ހާސް މީހުން (އަންދާސާ)3.9 ބިލިއަން ރުފިޔާ

ޙަރަދު ވާނެ ކަމަށް ބެލެވޭ އަދަދު ތަކަކީ މި އިނާޔަތުގެ ސަބަބުން ލިބޭނެ ފައިދާ ނުހިމަނާ ގްރޮސް އަދަދު ތަކެވެ. މި އަދަދު ތައް ހޯދަން މާލިއްޔަތުން ކުރެވޭނެ ބައެއް ކަންތައް ތިރީގައި  މި ވަނީ އެވެ. 

އިންކަމް ޓެކްސް 

ރާއްޖޭގަ މިހާރު ނަގަން ހަމަޖެހެމުން އަންނަ އިންކަމް ޓެކްސް އަކީ ބޮޑަށް ބެލެވޭ ގޮތުން ދައުލަތުން ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ބޭނުން ކުރާނެ އާލާތެއްގެ ގޮތުގައި ބޭނުން ކުރާނެ ވަސީލަތެކެވެ. އިންކަމް ޓެކްސް ދުނިޔޭގެ ގައުމުތަކުގައި ތާރީޙީ ގޮތުން ނަގަން ފެށިފައި ވަނީ ހަނގުރާމައެއް ފައްޓަން ފަދަ ބޮޑު ޙަރަދެއް ދައުލަތުން ކުރަން ޖެހި އެކަމަށް ބޭނުންވާ ފައިސާ ނެތުމުންނެވެ. އެގޮތުން އެމެރިކާގަ 1861 ވަނަ އަހަރު އިންކަމް ޓެކްސް ގެ ބިލް ފާސްކުރަން ޖެހުނީ ދާޙިލީ ހަނގުރާމައިގެ ސަބަބުންނެވެ. ރާއްޖޭގަ އަދި މިފަދަ ހާލަތެއް ދިމާވެފައި ނުވާ އިރު، އަދި މި ޓެކްސް އާ މެދު މާބޮޑު ނުރުހުމެއް ވެސް ރައްޔިތުން ފާޅު ނުކުރުމުން ދޭހަވަނީ ގިނަ ރައްޔިތުންނަށް މިކަމުގެ މާބޮޑު މައުލޫމާތެއް އެންގިފައި ނުވާކަމެވެ. ކޮންމެ ގޮތެއްވިޔަސް ދައުލަތުން ނަގަން އުޅޭ އިންކަމް ޓެކްސް ކަނޑައަޅާއިރު މި ނެގޭ އަދަަދުގެ ކޮންމެވެސް ނިސްބަތެއް ހުރިހާ ރައްޔިތުންނަށް އިނާޔަތް ދެވޭ ފަދަ އަދަދަކަށް ހެދުމަކީ ބުއްދިވެރިކަމެކެވެ.

ޓެކްސް އަށް މަކަރު ހެދުން ހުއްޓުވުން

ޓެކްސް ނަގާ ކޮންމެ ގައުމެއްގަވެސް ޓެކްސް އަށް މަކަރު ހެދުމަކީ އާންމު ކަމެކެވެ. މިގޮތުން އެމެރިކާގަ ނެގޭ ޓެކްސް ތަކުގެ 18%، ޖަރުމަނު ވިލާތުގަ 32% އަދި އިޓަލީ ވިލާތުގަ 38% ދަައުލަތަށް ނުލިބޭ ކަމަށް ލަފާ ކުރެވެއެވެ. ރާއްޖޭގަ މިހާރު ނެގޭ ޓެކްސް ތަކުގެ ތެރެއިން ބީޕީޓީ، ޖީއެސްޓީ އަދި އިމްޕޯޓް ޑިއުޓީ ފަދަ ޓެކްސް ތަކުންވެސް ދައުލަތަށް ނުލިބޭ އާމްދަނީ ތަރައްގީވެފައި ވާ ގައުމުތަކުގެ ނިސްބަތަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ. މިފަދަ ޓެކްސް ތައް އިތުރަށް ހަރުދަނާ ކުރަން ފަހުގެ ވަސީލަތް ތަކާ ޓެކްނޯލޮޖީ އަދި ތަޖުރިބާ ކާރުންގެ ލަފާ ހޯދުމުން މިގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ އެވެ.

ކާބަން ޓެކްސް ތައާރަފް ކުރުން

ކާބަން ޓެކްސް އަކީ ތިމާވެއްޓައް ކުރާ ނޭދެވޭ އަސަރުު ކުޑަ ކުރުމުގެ ގޮތުން ތެލުގެ ބޭނުން ކުރާ މިންވަރު ދައް ކުރުމަށް ބައެއް ގައުމު ތަކުގަ ނެގޭ ޓެކްސް އެކެވެ. މި ގޮތުން2018 އާ ހަމަ އަށް ދުނިޔޭގެ 28 ގައުމެއްގައި ކާބަން ޓެކްސް ނެގެއެވެ. ރާއްޖެއަކީވެސް ތިމާވެށީގެ ކަންތަކަށް ސަމާލު ކަން ދޭ ގައުމަކަށް ވެފަ މިފަދަ ޓެކްސް އެއް ނެގުމަކީ  ތިމާވެށީގެ ހިމާޔަތާ އަދި “އިނާޔަތް އެންމެންނަށް” މި ސިޔާސަތަށް ވެސް ފަންޑް ލިބިގެން ދާނެ ރަނގަޅު ގޮތެކެވެ. ކާބަން ޓެކްސް އެކި ގައުމު ތަކުގައި އެކި އަދަދު ތަކަށް ޕެޓްރޯލް، ޑީސަލް މި ފަދަ ތަކެތިން ނަގައެވެ. އެގޮތުން ޒިމްބާބުވޭ ގަ 5%، ކޯސްޓާރިކާ ގަ 3.5% ނެގެމުން ދެއެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން ގިނަ އަދަދަކަށް ތެލުގެ ބާވަތް ތައް އެތެރެ ކުރާ ގައުމެކެވެ. ކަސްޓަމްސް ގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެ އަށް މަހަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތް ތައް އެތެރެ ކުރެވެއެވެ. ތަފާތު ތެލުގެ ބާވަތް ތަކުން ކާބަން  ޓެކްސް ނެގުމުން ކަރަންޓު ބިލް އަދި ތެލުގެ އަގު ކޮންމެވެސް ވަރަކަށް ބޮޑުވިޔަސް “އިނާޔަތް އެންމެންނަށް” ލިބެ ހާލަތުގަ މިފަދަ ޓެކްސް އަކަށް ރައްޔިތުން ގެ ތާއީދު ލިބި އަދި ތިމާވެއްޓަށް ވެސް ހެޔޮ ބަދަލު އަންނާނެއެވެ.

ބައެއް ސަބްސިޑީ ތަކާ އިނާޔަތް ތައް މުރާޖިއާ ކުރުން

ރާއްޖެއަކީ ވެސް ދުނިޔޭގެ އެހެން ގައުމު ތައް ފަދައިން ތަފާތު އިނާޔަތް ތަކާ ސަބްސިޑީ ތައް ދެވޭ ގައުމެކެވެ.މިގޮތުން އެކަނި ވެރި މައިންނަށާ ދޮށީ އުމުރުގެ ރައްޔިތުންނަށާ، ރައްޔިތުންގެ މަޖްލިސް ގެ ދައުރެއް ފުރިހަމަ ކުރެއްވި މެމްބަރުންނަށާ، ޔަތީމުން އަދި ރިސޯޓް ހަދާ ކުންފުނިތަކުން ގެންނަ ތަކެއްޗައްވެސް އިނާޔަތާ ސަބްސިޑީ ދެވެއެވެ. މި ދެންނެވި އިނާޔަތް ތައް މުރާޖިއާ ކޮށް ދިވެހި ކޮންމެ ރައްޔިތަކަށް “އިނާޔަތް އެންމެންނަށް” ކަށަވަރު ކުރެވޭނެ ގޮތަކަށް ހިސާބު ކުރެވުމުން ދައުލަތަށް މާލީ ބުރަޔަކަށް މިކަން ނުވެ ހުރިހާ ރައްޔިތުންނަށް ތަނަވަސް ކަމާ އުފާ ވެރިކަން ގެނެސްދެވޭނެ ގޮތްތަކެއް ފަހިވެގެން ދާނެއެވެ

https://www.forbes.com/2010/04/14/tax-history-law-personal-finance-tax-law-changes.html#483c94d71cf8
https://en.wikipedia.org/wiki/Tax_evasion_in_the_United_States
http://www.budget.gov.mv/en/total-revenue
https://www.forbes.com/2010/04/14/tax-history-law-personal-finance-tax-law-changes.html#483c94d71cf8
https://en.wikipedia.org/wiki/Tax_evasion_in_the_United_States
http://www.budget.gov.mv/en/total-revenue
https://en.wikipedia.org/wiki/Carbon_tax
https://www.customs.gov.mv/d/Total%20Import%202019.xlsx
https://www.carbontax.org/where-carbon-is-taxed/
http://statisticsmaldives.gov.mv/maldives-in-figures-august-2019/

This article was written by Admin

Leave a Reply

Your email address will not be published. Required fields are marked *